ވަރިއާ ގުޅޭ ސުވާލުތައް
ކޯޓަށް މައްސަަލަ ހުށަހެޅުމެއް ނެތި ވަރިކޮށްގެން ޖޫރިމަނާ ކުރާ ޙާލަތުގައި، ޖޫރިމަނާ ކުރަނީ ކިހާ މިންވަރަކުން ހެއްޔެވެ؟
ޢާއިލާއާބެހޭ ޤާނޫނުގެ 67 ވަނަ މާއްދާގައިވާ ފަދައިން -/5000 (ފަސްހާސް) ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުންނެވެ.
ވަރިކުރުމަށް ނުވަތަ ވަރިވުމަށްއެދި ހުށަހެޅުމުގެ ބަދަލުގައި ދެމަފިރިންގެ މައްސަލަތަކާ ގުޅޭ ގޮތުން ކޯޓަށް ހުށަހެޅިދާނެ މައްސަލައަކީ ކޮބާ؟
ދެމަފިރިން ޞުލްޙަކޮށްދިނުމަށް އެދި ކޯޓަށް މައްސަލަ ހުށަހެޅިދާނެއެވެ.
ވަރިއާމެދު އޮޅުމެއް އަރައިފިނަމަ ނުވަތަ ޝައްކެއްވެއްޖެނަމަ ޢަމަލުކުރާނީ ކިހިނެތް ހެއްޔެވެ؟
ވަރިއާމެދު ޝައްކުވެގެން މައްސަލަ ހުށަހަޅާ ފޯމު ހުށަހަޅާނީއެވެ.
ކޯޓަށް މައްސަލަ ހުށަހެޅުމެއް ނެތި ވަރިކޮށްފި ނަމަ ހުށަހަޅަންޖެހޭނީ ކޮން ފޯމެއް ހެއްޔެވެ؟
ވަރިސާބިތުކުރުމަށް އެދި ހުށަހަޅާ ފޯމު
ވަރީގެ މައްސަލައާ ގުޅިގެން ކުދިންނާ ގުޅުންހުރި ލިޔެކިޔުންތަކުގެ ތެރެއިން ކޯޓަށް ހުށަހަޅަން ޖެހެނީ ކޮން ލިޔެކިޔުމެއް ހެއްޔެވެ؟
ކާވެންޏަށް ލިބިފައިވާ ޢުމުރުން 18 (އަށާރަ) އަހަރުނުވާ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓްގެ ކޮޕީއެވެ.
ވަރީގެ މައްސަލަ ހުށަހަޅާއިރު ފޯމު ފީގެ ގޮތުގައި ދައްކަން ޖެހޭ މިންވަރަކީ ކޮބާ؟
25 ރުފިޔާއެވެ.
ރުޖޫޢަ ކުރެވޭނީ ކޮން ބާވަތެއްގެ ވަރިއެއްގައި ހެއްޔެވެ؟
ރަޖުޢީ ވަރީގައެވެ. (ކާވެނީގައި އެއްދާން ކުރުމަށް ފަހު ކުރާ ފުރަތަމަ ނުވަތަ ދެވަނަ ވަރި)
ވަރީގެ މައްސަލައިގެ ތެރޭގައި ކުދިންގެ ޙަޟާނާތާމެދު ގޮތެއް ކަނޑައަޅާނީ ކޮން ޙާލަތެއްގައި ހެއްޔެވެ؟
ކުދިން ބެލުމާމެދު ދެފަރާތުން ވަކި ގޮތަކަށް އެއްބަސްވާ ޙާލަތުގައެެވެ.
ޢިއްދަ ހަމަވެއްޖެކަމަށް ކޯޓުން ކަނޑައަޅައިދެނީ ކިހާ މުއްދަތެއްގެ ތެރޭގައި ހެއްޔެވެ؟
އެކަމަށް އެދޭތާ ރަސްމީ 03 (ތިނެއް) ދުވަހުގެ ތެރޭގައެވެ.
ވަރީގެ ސެޓްފިކެޓް ހެއްދުމަށް ހުށަހަޅަންޖެހޭ މުއްދަތަކީ ކޮބާ؟
ވަރިސާބިތު ކުރެވޭތާ 07 (ހަތެއް) ދުވަސްތެރޭގައި ހުށަހަޅަން ވާނެއެވެ.
މައްސަލަތަކާ ގުޅޭ ސުވާލުތައް
މި ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއް މެޖިސްޓްރޭޓް ކޯޓަކަށް ބަދަލުކުރެވިދާނެތަ؟
އާއެކެވެ. މި ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއް މެޖިސްޓްރޭޓް ކޯޓަކަށް ތަޙްވީލު ކުރުމަށް ނުވަތަ ބަދަލު ކުރުމަށް އެދި ސަބަބު ބަޔާންކޮށް ސިޓީއަކުން އެދެވިދާނެއެވެ.
ފެމިލީ ކޯޓަށް މައްސަލައެއް ހުށަހެޅުމުން، ޢާންމުކޮށް ކިހާ މުއްދަތެއްގައި ފުރަތަމަ އަޑުއެހުން ބޭއްވޭނެތަ؟
މައްސަލަ ރަޖިސްޓްރީވުމަށް ފަހު ޢާންމުގޮތެއްގައި 10 ދުވަހުގެ ތެރޭގައި ފުރަތަމަ އަޑުއެހުން ބާއްވާނެއެވެ.
ބަދަލު ހަމަޖެއްސުމަށް އެދޭ ފޯމު ހުށަހެޅުމުގެ ބަދަލުގައި، ޕަވަރ އޮފް އެޓަރނީއެއް ހުށަހެޅިދާނެ ހެއްޔެވެ؟
އާއެކެވެ. ބަދަލު ހަމަޖެއްސުމަށް އެދި ހުށަހަޅާ ފޯމުގައި ހިމެނޭ ހުރިހާ މަޢުލޫމާތެއް ހިމަނައިގެން ޕަވަރ އޮފް އެޓަރނީ ހުށަހެޅި ދާނެއެވެ.
މައްސަލަ ނިމުނުގޮތުގެ ރިޕޯޓެއް ލިބޭނީ ކިތައް ދުވަސް ތެރޭގައިތަ؟
މައްސަލަ ނިމުމާއެކު މައްސަލަ ނިމުނު ގޮތް ވަގުތުން މައްސަލާގައި ހިމެނޭ ފަރާތްތަކަށް ހިއްސާ ކުރެވޭނެއެވެ. އަދި މައްސަލަ ނިމޭތާ ގިނަވެގެން 14 ދުވަސް ތެރޭގައި މައްސަލަގައި ހިމެނޭ ބަޔާންތަކާއި އެހެނިހެން ލިޔެކިޔުންތައް ހޯދުމަށް އެދި ފޯމު ހުށަހެޅުމުން ލިޔުންތައް ހިމެނޭ ރިޕޯޓު ފޯރުކޮށްދެވޭނެއެވެ.
ވަރިވުމަށް ނުވަތަ ވަރިކުރުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި ބަދަލު ހަމަޖެއްސުމުގައި ހުރި ތަފާތަކީ ކޮބާ؟
އެފަދަ މައްސަލަތަކުގައި ބަދަލުގައި އެހެން މީހަކު ހާޒިރުވުމަށް ހަމަޖައްސާނަމަ ރަޖިސްޓްރީކޮށްފައިވާ ނުވަތަ ނޯޓަރައިޒްކޮށްފައިވާ ޕަވަރ އޮފް އެޓާރނީއެއް ހުށަހަޅަންވާނެއެވެ. އެ ލިޔުމުގައި ވަރިކުރަން ޙަވާލުކޮށްފައިވާކަން ނުވަތަ ވަރިވުމަށް އެއްބަސްވެފައިވާކަން ސާފުކޮށް ބަޔާންކޮށްފައި އޮންނާންވާނެއެވެ.
ބަދަލު ހަމަޖެއްސުމަށް އެދޭ ފޯމު ހުށަހަޅަން ޖެހޭނީ ކޮން އިރަކު؟
ޝަރީޢަތަށް ހާޒިރުވުމަށް ކަނޑައެޅިފައިވާ ގަޑީގެ 30 (ތިރީސް) މިނިޓުގެ ކުރިން ކޯޓަށް ފޯމު ހުށަހަޅަން ވާނެއެވެ.
ޢާއިލީ މައްސަލަތަކުގައި ލިޔުމުން ޖަވާބުދާރީވުމުގެ ފުރުޞަތު ލިބޭނެ ހެއްޔެވެ؟
އާއެކެވެ.
ކޯޓަށް ހާޒިރުނުވެވޭފަދަ ބައްޔެއް ވެއްޖެނަމަ ޢަމަލުކުރާނީ ކިހިނެތް؟
ކޯޓަށް ހާޒިރުވުމަށް އަންގާފައިވާ ގަޑީގެ 01 ގަޑިއިރު ކުރިން ކޯޓަށް އެކަން އަންގަންވާނެއެވެ. އަދި 02 ދުވަހުގެ ތެރޭގައި މެޑިކަލް ސެޓްފިކެޓް ހުށަހަޅަންވާނެއެވެ.
ކޯޓަށް ހުށަހަޅާ މައްސަލަ ފޯމު ބާޠިލު ކުރެވޭނެ ހެއްޔެވެ؟
އާއެކެވެ. މައްސަލަ ރަޖިސްޓްރީވުމުގެ ކުރިން ފޯމު ބާޠިލު ކުރަން ބޭނުންވާނަމަ ސިޓީއަކުން ނުވަތަ އީމެއިލް މެދުވެރިކޮށް އެކަމަށް އެދެވިދާނެއެވެ. ޤަޟިއްޔާއެއް ގޮތުގައި ރަޖިސްޓްރީވުމަށް ފަހުގައި މައްސަލަ ބާޠިލު ކުރަން އެދޭނަމަ ބާޠިލު ކުރެވޭނީ ޝަރީޢަތުގެ އަޑުއެހުމަކަށް ތާވަލް ކުރުމަށް ފަހުގައެވެ.
މައްސަލަތަކާ ގުޅޭ މަޢުލޫމާތު ކޯޓުން ދެނީ ކޮން ބަޔަކަށް ހެއްޔެވެ؟
މައްސަލަތަކާ ގުޅިގެން ކޯޓުން މަޢުލޫމާތު ފޯރުކޮށްދޭނީ މައްސަލައިގައި ހިމެނޭ ޚަޞްމުންނަށާއި، ބަދަލުގައި ކޯޓަށް ޙާޟިރުވާ ފަރާތްތަކަށާއި، ޤާނޫނީ ވަކީލުންނަށާއި، ގުޅުންހުރި އިދާރާތަކަށް އެކަންޏެވެ.
ޚަރަދާ ގުޅޭ ސުވާލުތައް
ޢިއްދައިގެ ޚަރަދު ނުވަތަ ދަރިންގެ ޚަރަދު ކޯޓު މެދުވެރިކޮށް ދެއްކުމަށް ކަނޑައެޅުމުގެ ނަތީޖާއަކީ ކޮބާ؟
ޚަރަދު ދައްކަން ޖެހޭ ފަރާތުން ފައިސާ ޖަމާކުރަން ޖެހޭނީ ކޯޓަށެވެ. އެއަށްފަހު އެ ފައިސާ ލިބެންޖެހޭ ފަރާތުގެ އެކައުންޓަށް ކޯޓުން އެ ފައިސާ ޖަމާކޮށްދޭނެއެވެ. މި ޙާލަތުގައި ޚަރަދުގެ ފައިސާ ދައްކާ ގޮތުގެ ރެކޯޑު ކޯޓުން ބަލަހައްޓާނެއެވެ.
ވަރިސާބިތުކޮށް ޙުކުމް ކުރާއިރު ޚަރަދާމެދު ކޯޓުން ނިންމާ ގޮތްތަކަކީ ކޮބާ؟
- ޢިއްދައިގެ ޚަރަދު ނުވަތަ ދަރިންގެ ޚަރަދު ބޭނުން ނޫންނަމަ ޚަރަދު ނުލެއްވުން
- ޢިއްދައިގެ ޚަރަދު ނުވަތަ ދަރިންގެ ޚަރަދު ކޯޓު މެދުވެރި ނުކޮށް ދައްކަން ދެފަރާތުން އެއްބަސްވާނަމަ، އެއްބަސްވާ ގޮތަށް ޢަމަލުކުރަން އެންގުން.
- ޢިއްދައިގެ ޚަރަދު ނުވަތަ ދަރިންގެ ޚަރަދު ކޯޓު މެދުވެރިކޮށް ބޭނުންވާނަމަ، އެ ފައިސާ ކޯޓު މެދުވެރިކޮށް ދައްކަން އެންގުން.
ޢިއްދައިގެ ޚަރަދުގެ ގޮތުގައި ކޯޓުން ނަގައިދެނީ ކިހާ މިންވަރެއް ހެއްޔެވެ؟
މަދުވެގެން މަހަކު -/2،000 (ދެހާސް) ރުފިޔާއެވެ.
އަނބިމީހާގެ ޚަރަދުގެ ގޮތުގައި މަހަކަށް ނަގައިދެނީ ކިހާ މިންވަރެއް ހެއްޔެވެ؟
މަދުވެގެން މަހަކު -/2،000 (ދެހާސް) ރުފިޔާއެވެ.
އެހެނިހެން ޚަރަދަކީ ކޮބާ؟
ކުއްޖާގެ އަންނައުނަށާއި، ކިޔަވައިދިނުމަށާއި، ބޭސްފަރުވާއަށް ކުރަންޖެހޭ ޚަރަދުތަކެވެ.
ކުއްޖާގެ ޢުމުރުން 18 (އަށާރަ) އަހަރު ފުރެންދެން ކުއްޖާގެ ޚަރަދާއި ކުއްޖާގެ ބެލުމުގެ ޚަރަދަށް ޝަރީޢަތުން ނަގައިދޭ މިންވަރަކީ ކޮބާ؟
ކުއްޖާގެ ޚަރަދަށާއި ކުއްޖާ ބެލުމުގެ ޚަރަދަށް، އެއްކުއްޖަކު ހުރިނަމަ، މަހަކު -/2000 (ދެހާސް) ރުފިޔާ، އަދި އެއްކުއްޖަކަށްވުރެ ގިނަ ކުދިން ތިބިނަމަ، އިތުރުވާ ކޮންމެ ކުއްޖަކަށް މަހަކު -/1،000 (އެއްހާސް) ރުފިޔާއަށްވުރެ މަދުނޫން އަދަދެކެވެ.
ޚަރަދު ދޭންޖެހޭ ފަރާތުގެ މުސާރައިން އުނިކުރުމަށް ފަހު ކޯޓު މެދުވެރިކޮށް ޚަރަދު ލިބެންޖެހޭ ފަރާތަށް ލިބިދިނުމަށް އެދެވިދާނެ ހެއްޔެވެ؟
އާއެކެވެ.
ސާބިތު ޚަރަދަށް، ފައިސާ ނުދައްކާނަމަ ޢަމަލުކުރާނީ ކިހިނެތް؟
ޙުކުމާ އެއްގޮތަށް ފައިސާ ނުދައްކާނަމަ ޙުކުމް ތަންފީޛު ކޮށްދިނުމަށް އެދި ކޯޓަށް މައްސަލަ ހުށަހެޅިދާނެއެވެ.
ކޯޓު މެދުވެރިކޮށް ސާބިތު ޚަރަދު ދެއްކުމަށް ޙުކުމްކޮށްފައިވާއިރު ކޯޓު މެދުވެރިނުކޮށް ސާބިތު ޚަރަދު ދެއްކިފައިވާނަމަ ޢަމަލުކުރާނީ ކިހިނެތް؟
ކޯޓު މެދުވެރިނުކޮށް ފައިސާ ދީފައިވާކަން ސާބިތުކުރުމަށް މައްސަލަ ހުށަހެޅިދާނެއެވެ.
ސާބިތުވެފައިވާ ޚަރަދެއް، ޚަރަދު ލިބެންޖެހޭ ފަރާތުން ބޭނުންނުވާނަމަ ޢަމަލު ކުރާނީ ކިހިނެތް؟
ޚަރަދު ކެނޑުމަށް އެދި ޚަރަދު ލިބެންވާ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅިދާނެއެވެ.
ވަލީ އާއި ކާވެންޏާ ގުޅޭ ސުވާލުތައް
ކާވެނި ކޮށްދިނުމަށް އެދި ކޯޓަށް ފޯމު ހުށަހެޅޭނީ ކިހިނެތް؟
ކާވެނި ކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު މި ކޯޓުގެ ހެންވެއިރު އިމާރާތުން (މޫންލައިޓް ހިނގުން، ލޮނުޒިޔާރަތް ޕާކު ކުރިމަތި) ބަލައިގަންނާނެއެވެ. މި ކޯޓަށް އީމެއިލް މެދުވެރިކޮށްވެސް ފޯމު ހުށަހެޅޭނެއެވެ.
ކާވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ފުރިހަމަ ކުރަން ލާޒިމުވަނީ ކޮން ފަރާތްތަކަކަށް ހެއްޔެވެ؟
ކާވެނި ކޮށްދިނުމަށް އެދި މި ކޯޓަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކުރިން ކާވެންޏެއް ކޮށްފައިނުވާ ފަރާތްތަކެވެ.
ކާވެނި ކުރުމަށް އެދި ހުށަހަޅާ ދެފަރާތުން ތެލެސީމިއާ ބަލި ހުންނަކަން ނުވަތަ ނޫންކަން އަންގައިދޭ ލިޔުން ހުށަހެޅުން ލާޒިމުތޯ؟
އާއެކެވެ. ނަމަވެސް ކާވެނި ކުރުމަށް އެދި ހުށަހަޅާ ދެފަރާތުންކުރެ ފަރާތަކަށް ތެލެސީމިއާ ވާރުތަކުރާގޮތް ނުހުންނަކަން އަންގައިދޭ ލިޔުން ލިބިފައިވާ ޙާލަތުގައި ‘ތެލެސީމިއާ ވާރުތަކުރާގޮތް ނުހުންނަކަން އަންގައިދޭ ލިޔުން’ ލިބިފައިވާ ފަރާތުގެ ލިޔުން އެކަނި ހުށަހެޅުމުން ފުދޭނެއެވެ.
ހަށި ހުއްދަވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟
ކާވެނިވާން އެދޭ އަންހެނާ އެހެން މީހެއްގެ އަނތްބެއް ކަމުގައި ނުވުމާއި ޢިއްދައެއްގެ މަތީގައި ނުވުމާއި މާބަނޑު ޙާލުގައި ނުވުމެވެ.
ވަލީވެރިޔާ ވީތަނެއް ނޭނގޭނަމަ ވަލީގެ ކަންތައް ހަމަޖައްސާނީ ކިހިނެތް؟
ވަލީވެރިޔާއާ އެންމެ ގާތްތިމާގެ ދެމީހުން ކޯޓަށް ޙާޟިރުކޮށް އެދެމީހުންގެ ބަޔާންނަގައި، ވަލީވެރިޔާ ވީތަނެއް ނޭނގޭކަމަށް އެދެމީހުން ބުނާނަމަ ޙާކިމު ވަލީއަށް ކައިވެނިކޮށްދޭނީއެވެ.
މަޢުލޫމާތު ސާފުކުރުމަކީ ކޮބާ؟
ކާވެނި ކުރުމަށް އެދި ކޯޓަށް ހުށަހެޅުމާ ގުޅިގެން ފޯމުގައި ދީފައިވާ މަޢުލޫމާތު ސާފު ކުރުމަށް ކާވެނިވާ ދެފަރާތުން ކޯޓަށް ހާޒިރުކުރުމެވެ.
ރާއްޖެއިން ބޭރުގައި ދިވެއްސަކު ކާވެނި ކުރުމަށް ފަހު ރަޖިސްޓްރީ ކުރުމަށް އެދި ކޯޓަށް ހުށަހަޅަން ޖެހޭނެ މުއްދަތަކީ ކޮބާ؟
ދިވެހިރާއްޖޭގެ ރަސްމީ އޮފީހެއް ހުންނަ ޤައުމެއްގައި ދިވެއްސަކު ކުރާ ކާވެނި ރަޖިސްޓްރީ ކުރުމަށް ކާވެނި ކުރާ ދުވަހުން ފެށިގެން 02 މަސްދުވަހުގެ ތެރޭގައި ކޯޓަށް ހުށަހަޅަން ވާނެއެވެ. ރަސްމީ އޮފީހެއް ނެތް ޤައުމެއްގައިނަމަ ކާވެނި ކުރި ތާރީޚުން ފެށިގެން 06 މަސް ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހަޅަން ވާނެއެވެ.
ޚަރަދެއް ސާބިތުވެފައިވާ މީހަކަށް ކާވެނި ކުރެވިދާނެ ހެއްޔެވެ؟
ޙުކުމާ އެއްގޮތަށް ސާބިތު ޚަރަދު ނުވަތަ ޖޫރިމަނާ ދައްކަމުން ނުދާނަމަ އެ ހިނދަށް ދައްކަންޖެހިފައިވާ ފައިސާ ދެއްކުމުން މެނުވީ ކާވެންޏެއް ނުކުރެވޭނެއެވެ.
އެއް އަނތްބަށްވުރެ ގިނަ އަނތްބަށް ކާވެނިކުރަން އެދި ކޯޓަށް ހުށަހަޅާ ފިރިހެނާއަށް އާމްދަނީގެ ގޮތުގައި ލިބެން ޖެހޭ މިންވަރަކީ ކޮބާ؟
މަދުވެގެން މަހެއްގެ މައްޗަށް -/15000 ރ (ފަނަރަ ހާސް ރުފިޔާ)ގެ އާމްދަނީއެއް ލިބޭ މީހަކަށް ވާންޖެހޭނެއެވެ.
ކާވެނި ރަޖިސްޓްރީ ކުރަންޖެހޭ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިނުވާނަމަ އެ ކުށުގެ އަދަބަކީ ކޮބާ؟
-/1000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.
ޢާއިލީ މައްސަލަތައް ޙައްލުކުރުން
ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބަޔަށް ހުށަހެޅެނީ ކޮން ބާވަތެއްގެ މައްސަލަތަކެއްތޯ؟
ވަރިކުރުމަށް އަދި ވަރިވުމަށް އެދި ހުށަހަޅާ މައްސަލަތަކާއި، ދަރިންނާ ގުޅުންހުރި މައްސަލަތަކާއި މީގެ އިތުރުން ދެފަރާތުން ވާހަކަ ދައްކައިގެން ޞުލްޙަވެރި ޙައްލަކާ ހަމައަށް ވާޞިލުވެވިދާނެކަމަށް ފެންނަ ކޮންމެ މައްސަލައެއް.
ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބައިގެ މަސައްކަތަކީ ކޮބައިތޯ؟
ޞުލްޙަވެރިކަމާއެކު ދެފަރާތުން ވާހަކަ ދައްކައިގެން ދެފަރާތް އެއްބަސްވާ ޞުލްޙަވެރި ހައްލަކާ ހަމައަށް ވާޞިލުވުމަށް މަސައްކަތް ކުރުން. އަދި ކާވެނި ރޫޅިގެންދާ ޙާލަތެއްގައި މައިންބަފައިންގެ ހައިސިއްޔަތުން ޞުލްޙަވެރިކަމާއެކު ދެފަރާތުން ގުޅިގެން ކުދިންގެ ކަންކަމުގައި މަސައްކަތް ކުރުމަށް ވެވޭ ޞުލްޙައިގެ އެއްބަސްވުމެއް އެކުލަވާލުން. މީގެއިތުރުން ކުޑަކުދިންނާ ގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތަކުގައި ކުދިންގެ ބަސް ނެގުމާއި ޙާލަތު ދެނެގަތުމަށް އެސެސްމަންޓް ތައްޔާރު ކުރުން.
ޢާއިލީ މައްސަލަތައް ޙައްލުކުރުމުގައި މީޑިއޭޓަރުގެ ދައުރަކީ ކޮބާ؟
ދެފަރާތެއްގެ ދެމެދުގައިވާ މައްސަލައެއް ޙައްލުކުރުމަށް މީޑިއޭޓަރ އަދާކުރާނީ ވަކި ފަރާތަކަށް ނުޖެހޭ މެދުވެރިއެއްގެ ދައުރު. މީޑިއޭޓަރ މަސައްކަތް ކުރާނީ ދެފަރާތާއި މަޝްވަރާކޮށްގެން މައްސަލައިގައި ދެފަރާތް އެއްބަސްވާ ޞުލްޙަވެރި ޙައްލަކާއި ހަމައަށް ވާސިލުވުމަށް.
ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބަޔަށް މައްސަލަތައް ފޮނުވުމުން ލިބޭ ފައިދާ އަކީ ކޮބައިތޯ؟
- ޞުލްޙަވެރިކަމާއެކު ވާހަކަ ދައްކައިގެން ދެފަރާތް އެއްބަސްވާ ޙައްލަކާ ހަމައަށް ވާޞިލުވުމަށް ފުރުޞަތު ލިބުން.
- ދެފަރާތުގެ ދެމެދުގައި ހުރި މައްސަލަތަކާއި މަޞްލަޙަތުތައް ދެނެގަނެވުން.
- ދެފަރާތުގެ ދެމެދުގައި އޮތް ޚުޞޫމަތު (ދެކޮޅުވެރިކަން) ނައްތާލެވުން ނުވަތަ ކުޑަކުރެވުން.
މީޑިއޭޝަން ސެޝަންތައް އިންތިޒާމުވަނީ ކިހިނެއްތޯ؟
މީޑިއޭޝަން ސެޝަންތައް މައްސަލައިގައި ޝާމިލްވާ ދެފަރާތާއެކު އަދި ކޮންމެ ފަރާތަކާއި ވަކިންވެސް ބޭއްވޭނެ. މީގެ އިތުރުން މައްސަލައިގައި ޝާމިލްވާ ފަރާތްތަކުގެ ޢާއިލާއިން ޙަކަމުން ޙާޟިރުކުރެވި ބައްދަލުވުން ބޭއްވޭނެ.
މީޑިއޭޝަން ސެޝަންގައި ބައިވެރިވާ އިރު މައްސަލައިގައި ޝާމިލްވާ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭނީ ކޮންކަމަކަށް؟
މަޞްލަހަތަށް އިސްކަންދީ، ޒުވާބުކޮށް ޖަދަލުކުރުމުގެ ބަދަލުގައި ޞުލްޙަވެރިކަމާއެކު ވާހަކަ ދައްކައިގެން މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރުން.
ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބައިގައި ބާއްވާ ސުލްޙަ މަޖިލިސްތަކުގައި ޚަސްމުންގެ ބަދަލުގައި ވަކީލުންނަށް ބައިވެރިވެވިދާނެތޯ؟
ނޫނެކެވެ.
ޙަކަމުންގެ ގޮތުގައި ކޯޓަށް ޙާޟިރު ކުރެވެނީ ކޮން ބައެއް ހެއްޔެވެ؟
ދެފަރާތުގެ ޢާއިލާއިން ދެ ފަރާތުގެ ޙާލަތު އެނގޭ ޒިންމާދާރު ފަރާތްތައް.
ޞުލްޙައިގެ އެއްބަސްވުމުގެ ސަބަބުން ލިބޭ ފައިދާއަކީ ކޮބައިތޯ؟
ވަރިއަށް ހުށަހެޅޭ މައްސަލަތަކުގައި ވަރިއަކަށް ނުގޮސް ދެފަރާތުން އެއްބަސްވާ އެއްބަސްވުމެއްގެ މައްޗަށް ބިނާކޮށް ޞުލްޙަވެރި ކަމާއެކު ކާވެނި ދެމެހެއްޓިގެން ދިޔުން. ޞުލްހަވެރި ޙައްލަކަށް ވާޞިލުނުވެވި ކާވެނި ރޫޅިގެންދާ ޙާލަތެއްގައި، ދެފަރާތުގެ ދެމެދުގައި ހުރި ޚިޔާލު ތަފާތުވުންތަކާއި ހިތްހަމަނުޖެހުން ކުޑަ ކުރެވި، ދެފަރާތުން އަދާކުރަން ޖެހޭ ޒިންމާތައް ސާފުވެ އެނގި ދަރިންގެ މަޞްލަޙަތަށް އިސްކަން ދެވުން.
ޞުލްޙައިގެ އެއްބަސްވުމަކީ ކޮބާ؟
ޞުލްހައިގެ އެއްބަސްވުމުގެ ތެރޭގައި ޞުލްހަވެރިކަމާއެކު ކާވެނި ދެމެހެއްޓުމަށް ދެފަރާތުން ދެފަރާތުން އެއްބަސްވާ އެއްބަސްވުމާއި އަދި ޞުލްހަވެރި ޙައްލަކަށް ވާޞިލުނުވެވި ކާވެނި ރޫޅިގެންދާ ޙާލަތެއްގައި ދަރިން ތިބިނަމަ މައިންބަފައިންގެ ހައިސިއްޔަތުން ޞުލްޙަވެރިކަމާއެކު ދެފަރާތުން ގުޅިގެން ކުދިންގެ ކަންކަމުގެ މަސައްކަތް ކުރުމަށް ވެވޭ ޞުލްޙައިގެ އެއްބަސްވުން ހިމެނޭ.
ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބަޔަށް ހުށަހެޅޭ މައްސަލަތައް ނިންމަން ހޭދަވާ މުއްދަތަކީ ކޮބައިތޯ؟
އެންމެ ލަސްވެގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބަޔަށް ހުށަހެޅޭ މައްސަލަތައް ނިންމައި ޝަރީޢަތަށް ފޮނުވާނެ.
